ލޫކާސް ލިޔުއްވި އިންޖީލް
މިފޮތާއި ބެހޭ ގޮތުން ދެތިން ބަހެއް
މިފޮތަކީ ކީރިތި ޚަބަރުފުޅުގެ ހަތަރު ފޮތްކޮޅުގެ ތެރެއިން އެއްފޮތްކޮޅު ކަމުގައިވާ ލޫކާސްގެ ދިވެހި ތަރުޖަމާއެވެ. ކީރިތި ޚަބަރުފުޅުގެ ހަތަރު ފޮތްކޮޅަކީ އީސާގެފާނާއި ބެހޭ ހުރިހާ ޚަބަރުފުޅުތަކެއް އެކަންތައްތައް ފެށުނީއްސުރެ ނިމެންދެން ލޮލުން ދުށް އެކަލޭގެފާނުގެ ހުރިހާ އަސްޙާބީންނާއި އަދި އެކަލޭގެފާނުގެ އެންމެ ގާތް ޚާއްސަ ބާރަ އަސްޙާބީން ދެއްވި ހެކިތަކުގެ މަތިން ލިޔެވިފައިވާ ހަތަރުފޮތްކޮޅެވެ. މިފޮތްކޮޅުތައް ލިޔެވުނީ އީސާގެފާނު ދެއްވި އުފާވެރި ދިންނަވާނޭ ޚަބަރުފުޅު އެންމެހައި މީސްތަކުންނަށް އެންގުމަށްޓަކައެވެ.
މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވާނެކަން އިހުޒަމާނުގެ އެތައްއެތައް ރަސޫލުންނާއި ނަބީބޭކަލުންނެއް މެދުވެރި ކުރައްވާ މާތްރަސްކަލާނގެ އެކަލާނގެ ވަޙީބަސްފުޅުން ވަނީ އަންގަވާފައެވެ. އެކަލާނގެ ވަޙީކުރައްވާ އަންގަވާފައިވީ ފަދައިން މިކަން ހިނގާދިޔައީ މީގެ ދެހާހެއް ހާ އަހަރުކުރިންނެވެ. އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ކުޑަދުވަސްކޮޅެއް ކުރިން މާތްރަސްކަލާނގެ ރަސޫލުބޭކަލެއް ކަމުގައިވާ ޔަޙުޔާގެފާނު މެދުވެރިކުރައްވާ މީސްތަކުންނަށް އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވާކަން އިޢުލާން ކުރެއްވިއެވެ. ޔަޙުޔާގެފާނު މީސްތަކުންނަށް ފާފައިގެ ދިރިއުޅުމުން އެނބުރި ތައުބާވެ، ތައުބާގެ ހިނައިގަތުމުން ހިނައިގަތުމަށް ގޮވާލެއްވިއެވެ. އީސާގެފާނު ދުނިޔެއަށް އުފަންވީ އެހެން ހުރިހާ އިންސާނުންނާއި ތަފާތުގޮތެއްގައެވެ. އެކަލޭގެފާނު ދުނިޔެއަށް އުފަންވީ މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުންނެވެ. އެހެން ކަމުން އެކަލޭގެފާނުގެ ލަޤަބުފުޅަކީ މާތްރަސްކަލާނގެ ދަރިކަލުންނެވެ.
އީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވި އިރު ބަނީއިސްރާއީލުގެ ވެރިކަން ވަނީ ރޯމުގެ ސަރުކާރުގެ އަތްދަށުގައެވެ. ނަމަވެސް ދީނީ ކަންތަކާއި ބެހޭ ހުރިހާ ބާރެއް އޭރު ވެސް ވަނީ ބަނީއިސްރާއީލުގެ އުއްތަމަ އިމާމާއި ދީނުގެ ދަންނަބޭކަލުންގެ އަތްމަތީގައެވެ. އެމީހުން ވެސް ތިބީ އަލްމަސީޙުގެ އިންތިޒާރުގައެވެ. ނަމަވެސް އެމީހުން ހީކޮށްގެން ތިބީ އަލްމަސީޙު ދުނިޔެއަށް ވަޑައިގެން ބަނީއިސްރާއީލު ރޯމުގެ އަތްދަށުން ސަލާމަތް ކުރައްވާނެ ކަމުގައެވެ. އެއީ އެކަލޭގެފާނު ވަޑައިގެން މީސްތަކުން މިންޖުކުރައްވާނެ ކަމަށާއި އަދި އެކަލޭގެފާނުގެ ވެރިކަމަށް ދުވަހަކު ވެސް ނިމުމެއް ނުވާކަމުގައި މާތްރަސްކަލާނގެ ވަޙީބަސްފުޅުން އަންގަވާފައިވާތީއެވެ.
އެކަލާނގެ ވަޙީ ބަސްފުޅުގައި ވީފަދައިން އީސާގެފާނު ވަޑައިގެން މީސްތަކުންނަށް ފާފައިން މިންޖުވެވޭނެ މަގުތަނަވަސް ކޮށްދެއްވިއެވެ. އީސާގެފާނު ސަލީބުގައި އަނިޔާލިބި އެކަލޭގެފާނުގެ ލޭފޮދު އޮހޮރާ އަވަހާރަވެ ދިޔައީ މުޅި އިންސާނީ ދަރިފަސްކޮޅުގެ ފާފައިގެ އަގުދެއްކެވުމަށްޓަކައެވެ. އަދި އެކަލޭގެފާނު އަވަހާރަވީތާ ތިންވަނައަށް ވީ ދުވަހު އަލުން ދިރި ވަޑައިގެންނެވިއެވެ. އަދި އޭގެދުވަސްކޮޅެއް ފަހުން އެކަލޭގެފާނު އުޑަށް އުފުއްލެވުނެވެ. އަދި އިންސާނާގެ ދަރިކަލުންގެ މަތިވެރި ކަމާއި ކީރިތިކަމުގައި އަލުން އެނބުރި މިދުނިޔެއަށް ވަޑައިގަންނަވާނެ ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. އާނއެކެވެ. ހަމަކަށަވަރުން ވެސް އީސާގެފާނުގެ ވެރިކަމަކަށް ދުވަހަކު ވެސް ނިމުމެއް ނުވެއެވެ.
އީސާގެފާނު އެނބުރި ވަޑައިގަންނަވާ ދުވަސް ވާނީ މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދުވަސްކަމުގައެވެ. އެދުވަހުން އެކަލާނގެ ރަސްކަންފުޅުގައި ހިމެނޭ އެންމެންނަށް ބާއްޖަވެރިކަމާއި އުފާވެރިކަން ހުއްޓެވެ. އެއީ އެދުވަހުން އެކަލާނގެ ރަސްކަންފުޅުގައި ވާ ބޮޑުކެއުމުގައި އެމީހުންނަށް ބައިވެރިވުމުގެ ފުރުސަތު އެކަލާނގެ ދެއްވާނެތީވެއެވެ. އަދި އެދުވަހުން އީސާގެފާނުގެ ބަސްފުޅުތަކަށް އީމާންވެ އެބަސްފުޅުތަކުގައިވާ ފަދައިން އަމަލުކޮށް ދުނިޔޭގައި އުޅުނު މީހުންނަށް އެކަލޭގެފާނުގެ އަރިހަށް އައުމަށް އެކަލޭގެފާނު ގޮވާލައްވާނެތީއެވެ. އަދި އެމީހުންނަށް ލިބޭ ނިމުންނުވާ ޙަޔާތް ބާއްޖަވެރި ވާނެތީއެވެ. މިއީ މާތްރަސްކަލާނގެ ވަޙީބަސްފުޅުމެދުވެރިކޮށް ކުރައްވާފައިވާ ވަޢުދުފުޅެވެ. އެމީހެއްގެ ހިތުގައި މާތްރަސްކަލާނގެ ރަސްކަންފުޅުގެ ވެރިކަން ހިނގުމަށް ބޭނުންވާ ކޮންމެ މީހަކުމެ އީސާގެފާނުގެ ނަންފުޅުގައި ތެދުހިތުން އެމީހެއްގެ ފާފަތަކަށް ތައުބާވެ ދުޢާކުރުމުން މާތްރަސްކަލާނގެ އެކަލާނގެ މާތްރޫޙުފުޅު އެމީހަކަށް ދެއްވާނެއެވެ. އަދި އެ މާތްރޫޙުފުޅު އެމީހާއަށް އިންސާނުންގެ އަދާވަތްތެރިޔާ އިބިލީހުގެ ވަސްވާސްތަކުގެ ސަބަބުން ފާފަވެރިކަމުގެ ތެރެއަށް ވެއްޓި ހަލާކުގެ މަގުން ނުދިއުމަށް އެހީތެރިވެދެއްވާނެއެވެ. އަދި އީސާގެފާނުގެ ބަސްފުޅުތައް ގަބޫލުކުރާ ކޮންމެ މީހަކުމެ އަބަދުގެ އަބަދަށް ނިމުންނުވާ ޙަޔާތުގައި ދިރިހުންނާނެއެވެ.
މިފޮތަކީ މާތްރަސްކަލާނގެ ދުނިޔެއަށް ފޮނުއްވި އެންމެ އުފާވެރި ޚަބަރު ލިޔެވިގެންވާ ފޮތެވެ. އަދި ހެޔޮހިތުން ތައުބާވެ ތައުބާގެ ހިނެވުމުން ހިނައިގަނެ އީސާގެފާނުގެ ބަސްފުޅުތަކަށް އީމާންވެ ކަމޭހިތާ އެބަސްފުޅުތަކާއި އެއްފަދައިން ހިތާއި އަމަލުން ކަންކުރާ ކޮންމެ މީހަކީ އީސާގެފާނުގެ އަސްޙާބީއެކެވެ. އަދި އެފަދަ ކޮންމެ މީހަކީ މާތްރަސްކަލާނގެ ރަސްކަންފުޅުގައި ހިމެނޭ މީހެކެވެ. މާތްރަސްކަލާނގެ އީސާގެފާނު މެދުވެރި ކުރައްވާ އަހަރެމެންނަށް ދިންނެވޭނޭ މަގު ތަނަވަސް ކޮށްދެއްވިއެވެ. ނަމަވެސް މި މަގު ޚިޔާރު ކުރުމާއި ނުކުރުމުގެ މިނިވަންކަން ވެސް މާތްރަސްކަލާނގެ ވަނީ އަހަރެމެންނަށް ދެއްވާފައެވެ. އަޅުގަނޑުމެންގެ ދުޢާ އަކީ މިފޮތް ކިޔުމަށް ފަހު ތިޔައެންމެހާ ކިޔުންތެރިވެސް އެމީހެއްގެ ފުރާނަ ނިމުމެއް ނުވާ އަލިފާނުގެ ތެރެއަށް އެއްލާލެވުނަނުދީ މިންޖުކުރުމެވެ. އަދި އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ ކީރިތިކަމާއި ފުރިހަމަ ބާރުފުޅާއި އެކު އެނބުރިވަޑައިގަންނަވާ ދުވަހު އެކަލޭގެފާނުގެ ރަސްކަމުގައި ތިޔައެންމެހާ ކިޔުންތެރިން ވެސް ހިމެނުމެވެ. އަދި ސުވަރުގޭގެ ފޮތްކޮޅުގައި ތިޔައެންމެހާ ކިޔުންތެރިންގެ ނަންލިޔެވިގެން ވުމެވެ.