ޔޫޙަންނާ ލިޔުއްވި އިންޖީލު
ތަޢާރަފު
ޔޫޙަންނާއަކީ އީސާގެފާނުގެ ޚަބަރުފުޅު ފެތުރުއްވުމަށް އެކަލޭގެފާނު ހޮއްވެވި ސަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ޔޫޙަންނާގެ ބައްޕަ ޒެބެދީ އަކީ މަސްވެރިއެކެވެ. މަންމައަކީ ސަލޯމީ އެވެ. އޭނާއަކީ އީސާގެފާނަށާއި ސަޙާބީންނަށް ގިނަގުނަ އެހީތަކެއްވެދީފައިވާ ބޭކަނބަލެކެވެ. އީސާގެފާނު ޔޫޙަންނާއަށް ގޮވާލެއްވީ ގޮނޑުދޮށުގައި އޭނާއާއި އޭނާގެ ކޮއްކޮ ޔާމިޒު އެމީހުންގެ ބައްޕަގެ މަސްހިފާދާ މަރާމާތުކުރަން ތިއްބައެވެ. އެކަލޭގެފާނު ގޮވާލެއްވުމާއެކު އެ ދެބޭން ބައްޕަ ދޫކޮށްލާފައި ވަގުތުން އެކަލޭގެފާނު އަރިހަށް ހިނގައްޖެއެވެ.
ޔޫޙަންނާއަކީ ހިތުގެ އަޑިން ވެސް އީސާގެފާނަށް ތަބާވި ބޭކަލެކެވެ. އޭނާ އުމުރުން ދުވަސްވެ މުސްކުޅި ވީއިރު ވެސް އެކަލޭގެފާނާ މެދު އޮތް އިތުބާރަށް ދެގޮތެއް ނުވެއެވެ. އެ ދެބޭކަލުން އެކަކު އަނެކަކު ދެކެ ނުހަނު ލޯބިވެއެވެ.
ޔޫޙަންނާ ލިޔުއްވި ގޮތުގައި އީސާގެފާނަކީ ހަމައެކަނި ރަސޫލުބޭކަލެއް ނޫނެވެ. އެކަލޭގެފާނު މި ދުނިޔެއަށް ވަޑައިގެންނެވީ އުޑުގައިވޮޑިގެންވާ މަތިވެރި ބައްޕާފުޅު މާތްރަސްކަލާނގެ ސިފަފުޅުތައް ހާމަ ކޮށްދެއްވުމަށެވެ. އަދި އެކަލާނގެއާއި އަހަރެމެން އިންސާނުންނާއި ދެމެދު ފުރިހަމަ ގުޅުމެއް ބޭއްވޭނޭ ގޮތް އަންގަވައި ހާމަ ކޮށްދެއްވުމަށެވެ. އީސާގެފާނަކީ މާ ކުރީއްސުރެ ވެސް މާތްރަސްކަލާނގެ ހޮއްވަވައި ފޮނުއްވާނޭ ކަމަށް އަންގަވާފައިވީ އަލްމަސީޙުއެވެ. އެކަލޭގެފާނުގެ ކިބަފުޅުގައި މާތްރަސްކަލާނގެ ޒާތުފުޅުގައި ވޮޑިގެންވާ އެންމެހާ ސިފަފުޅުތަކެއް ވެއެވެ. އެކަލޭގެފާނުގެ ކިބަފުޅުގައި މާތްރަސްކަލާނގެ ސިފަފުޅުތަކާއި ނުގުޅޭ އެއްވެސް ސިފަފުޅެއް ނުވެއެވެ. އެކަލޭގެފާނުގެ ކިބަފުޅުގައި ވާ ހުރިހާ ސިފަފުޅުތަކަކީ މާތްރަސްކަލާނގެ ކިބަފުޅުގައިވާ ސިފަފުޅުތަކެވެ. އެގޮތުން އީސާގެފާނަށް މާތްރަސްކަލާނގެ ދަރިކަލުންގެ ލަޤަބު ދެއްވިފައިވެއެވެ. މި ލަޤަބުފުޅަކީ އެއްވެސް އިންސާނަކު އެކަލޭގެފާނަށް ދެއްވި ލަޤަބުފުޅެއް ނޫނެވެ. މިއީ އެކަލޭގެފާނު އުފަންވެވަޑައިގަތުމުގެ ވެސް ކުރިން މާތްރަސްކަލާނގެ އެކިރަސޫލު ބޭކަލުން މެދުވެރި ކުރައްވައި އެކަލޭގެފާނަށް ދެއްވާފައިވާ ލަޤަބުފުޅެކެވެ. އަދި މާތްރަސްކަލާނގެ ޖިބުރީލުގެފާނު މެދުވެރި ކުރައްވައި އީސާގެފާނު އުފަންވެވަޑައިގަތުމުގެ ކުރިން މަރިޔަމްގެފާނަށް ވެސް މިފަދައިން އަންގަވާފައިވެއެވެ. ”މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅު ކަނބުލޭގެފާނުގެ އަރިހަށް ފޮނުއްވޭނެ. އެންމެމަތިވެރި ރަސްކަލާނގެ އަމުރުފުޅަށް އުފަންވާ މި މާތް ކަލޭގެފާނުގެ ލަޤަބުކަމުގައި ހިމެނޭނީ ’މާތްރަސްކަލާނގެ ދަރިކަލުން‘ މިލަޤަބުފުޅު.“*
”މާތްރަސްކަލާނގެ ދަރިކަލުން“ މިލަޤަބުގެ އަނެއް މާނައަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވައި ޚިޔާރު ކުރެއްވި ރަސްގެފާނުއެވެ. ނުވަތަ އަލްމަސީޙު އެވެ. އީސާގެފާނަކީ މި ރަސްގެފާނެވެ. އެކަމަކު އެކަލޭގެފާނުގެ ރަސްކަމަކީ ރޫޙާނީ ރަސްކަމެކެވެ. މާތްރަސްކަލާނގެ އެކަލާނގެ ދަރިކަލުން ކަމަށް ވަޙީ ކުރައްވަނީ އެކަލާނގެއާ އެކަލޭގެފާނާ ދެމެދުގައި އޮންނަ ގާތްކަން ރަމްޒު ކޮށް ދެއްވުމަށެވެ. އޭގެ މާނައަކީ އެކަލޭގެފާނަކީ އެކަލާނގެއަށް ދުންޔަވީ ގޮތުން ލިބިވޮޑިގެން ވާ ދަރިކަލެކޭ އެއް ނޫނެވެ.
އީސާގެފާނު ތަފާތު ހަތް މުޢުޖިޒާތެއްގެ ވާހަކައާއި އަދި އެކަލޭގެފާނު ދެއްވި ހަތް ޚުތުބާއެއް ޔޫޙަންނާގެ ލިޔުއްވުމުގައި އެކުލެވިފައި ވެއެވެ. މި މުޢުޖިޒާތްތަކަށް ބަލާލުމުން ޔަޤީންވާ ކަމަކީ ޙަޤީޤަތުގައި ވެސް އީސާގެފާނު ފޮނުއްވެވުނީ މާތްރަސްކަލާނގެ ޙަޟްރަތުން ކަމެވެ. އަދި އެ ޚުތުބާތަކަށް ބަލާލުމުން ވެސް އެނގެނީ އެއީ ހަމަ އަސްލުގައި ވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް ދަސްކޮށްދެއްވި ބަސްފުޅުތަކެއް ކަމެވެ.
ޔޫޙަންނާ މި ލިޔުން ލިއުނު ސަބަބު ހާމަކޮށް ދެއްވަމުން ވިދާޅުވީ މީސްތަކުންނަށް އީސާގެފާނަކީ ޙަޤީޤަތުގައި ވެސް މާތްރަސްކަލާނގެ ދަރިކަލުންކަން އެނގި ގަބޫލު ކުރެވުމުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ލިބޭނެ ގޮތް މެދުވެރި ވާނެ ކަމަށެވެ.
މުހިންމު ބައިތައް
އިސްބަސް (1‏:1‏-18)
ޔަޙުޔާގެފާނާއި އީސާގެފާނުގެ ސަޙާބީން (1‏:19‏-51)
އީސާގެފާނުގެ އުނގަންނައި ދެއްވުމާއި މުޢުޖިޒާތްތައް (2‏:1‏—12‏:50)
ބައިތުލް މަޤްދިސްގެ ކާރީގައި އެންމެ ފަހުގެ ދުވަސްތައް ހޭދަކުރެއްވި ގޮތް (13‏:1‏—19‏:42)
އަލުން އީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވުން (20‏:1‏-31)
ގަލީލީ ސަރަހައްދުގައި އަލުން ފެނިވަޑައިގަތުން (21‏:1‏-25)