މަރުކުސް ލިޔުއްވި އިންޖީލު
ތަޢާރަފު
1. އިންޖީލު
”އިންޖީލު“ މި ބަހަކީ ޢަރަބިބަހެކެވެ. މިބަހުގެ އަސްލަކީ ގުރީކު ބަހުގެ ”އެވަންޖެލް“ މި ބަހެވެ. މި ބަހުގެ މާނައަކީ ”ހެޔޮ ޚަބަރުފުޅު“ ނޫނީ ”އުފާވެރި ޚަބަރުފުޅު“ މެއެވެ. އަދި މި ޚަބަރުފުޅަކީ އީސާ އަލްމަސީޙަށް މާތްރަސްކަލާނގެ ދެއްވި ވަޙީ ބަސްފުޅާއި އެއްގޮތްވާ ގޮތުގެ މަތިން އެކަލޭގެފާނު އިޢުލާނުކޮށް އަންގަވައި ދެއްވި މާތްރަސްކަލާނގެ ބަސްފުޅުތަކެވެ. އެއަށް ފަހު އެކަލޭގެފާނުގެ އަސްޙާބީންނާއި އަދި އެކަލޭގެފާނަށް އީމާންވީ ފަރާތްތަކުން އެކަލޭގެފާނުގެ އުނގަންނަވައިދެއްވުމާއި ބެހޭ ގޮތުން ލިޔުއްވާފައިވާ އެކިއެކި ފޮތްތަކެވެ. މި ހުރިހާ ފޮތްތަކެއްގެ ތެރެއިން ފުރަތަމަ ހަތަރު ފޮތްކޮޅު ”އިންޖީލު“ ގެ ގޮތުގައި އެނގިގެންވެއެވެ. މިއީ ހަތަރުފޮތްކޮޅަކީ: މައްތާ ލިޔުއްވި އިންޖީލު، މަރުކުސް ލިޔުއްވި އިންޖީލު، ލޫކާސް ލިޔުއްވި އިންޖީލް، ޔޫޙަންނާ ލިޔުއްވި އިންޖީލު އެވެ. (އަދި އެކިއެކި ބޭކަލުން ލިޔުއްވާފައިވާ އިލާހީ ބަސްފުޅުތައް އެކުލެވިގެންވާ އެހެނިހެން ފޮތްކޮޅުތަކުގެ އިތުރުން މި ހަތަރުފޮތްކޮޅާއެކު ”ފަހު ޢަހުދުފުޅު“ ގެ ގޮތުގައި އެކުލަވާލެވިފައިވެއެވެ.)
ފެށުނީއްސުރެން އިންޖީލުގައި ވީ ހެޔޮޚަބަރުފުޅުގައި ވަނީ އީސާ އަލްމަސީޙުގެ އުނގަންނަވައިދެއްވުންތަކާއި އެކަލޭގެފާނުގެ މަތިވެރި ދިރިއުޅުއްވުމުގެ ވާހަތަކެވެ. މިހަތަރު ފޮތްކޮޅު ލިޔުއްވާފައި ވަނީ އެކަލޭގެފާނުގެ އެންމެ އަރިސް ބޭކަލުން ކަމުގައިވާ އެކަލޭގެފާނުގެ އަސްޙާބީންގެ އިތުރުން އެބޭކަލުންނާއި ގުޅުން ހުރި ފަރާތްތަކުންނެވެ. އަދި މިފޮތްތައް ލިޔުއްވި ފަރާތްތަކުން މި ފޮތްތައް ލިޔުއްވާފައި ވަނީ މާތްރަސްކަލާނގެ އެފަރާތްތަކަށް ދެއްވި އިލާހީ އިލްހާމުގެ މަތިވެރިކަމުންނެވެ. މިކަމުގެ މާނައަކީ އީސާގެފާނު ދެއްވި ހެޔޮޚަބަރުފުޅާއި އެއްގޮތްވާ ގޮތުގެ މަތިން އެކަލޭގެފާނުގެ އަސްޙާބީން އެހުރިހާ ކަންތައްތަކެއް ސައްޙަކަމާއެކު މީސްތަކުންނަށް އެނގޭނޭ ފަދައިން ހާމަކޮށްދެއްވާފައިވުމެވެ. މި ހަތަރު ފޮތްކޮޅު ލިޔެވިފައިވާ އަސްލު ބަހަކީ ގުރީކު ބަހެވެ. ސަބަބަކީ އެދުވަސްވަރު މެދުތެރޭކަނޑުގެ ޤައުމުތަކުގެ ޢާންމު ބަހުރުވައަކީ ގުރީކު ބަސް ކަމުގައި ވުމެވެ.
2. މަރުކުސް ފޮތްކޮޅުގައިވާ ބަލާލާފައިވާ މައިގަނޑު މުހިންމު ކަންތައްތައް
އިންޖީލުގެ މަރުކުސް ފޮތްކޮޅު ބަޔާންކޮށްދެނީ އީސާ އަލްމަސީޙުގެ ސުންނަތާއި މެދުގައި ބަޔާންކޮށްދީފައިވާ ތަފުސީލީ ވާހަކަތަކެވެ. ޔަޙުޔާގެފާނުގެ އަތްޕުޅުމަތީގައި އެކަލޭގެފާނު ތައުބާގެ ހިނަވައިގެންނެވި ހިނދުން ފެށިގެން އެކަލޭގެފާނުގެ އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އަލުން ދިރިވަޑައިގެންނެވުމާ ހަމަޔަށް ހިނގި ކަންތަކުގެ ވާހަކަތަކެވެ.
މިފޮތުގެ މައިގަނޑު މަގުސަދަކީ އަލްމަސީޙާއި މެދު މަޢުލޫމާތު އަންގައި ދިނުމެވެ. އަދި އީސާއަލްމަސީޙާއި މެދު އީމާންތެރިވީ ފަރާތްތަކާ މެދު ކުރެވޭ އަނިޔާތަކަށް އީސާގެފާނުގެ ޙަޔާތްޕުޅުގައި ކަންތައް ހިނގިގޮތް ބުނެދީ ހިތްވަރު ދިނުމެވެ.
މި ފޮތުގައި ހިމެނިފައިވާ މައިގަނޑު ބައިތަކަކީ:
1. އިންޖީލުގެ ފެށުން. (1‏:1‏-13)
2. ގަލީލީގައި އީސާގެފާނުގެ އުނގަންނަވައި ދެއްވުން. (1‏:14‏—9‏:50)
3. ގަލީލީ ސަރަހައްދުން ޖެރޫސަލަމަށް. (10‏:1‏-52)
4. ފަހު ހަފުތާ ޖެރޫސަލަމާއި ކައިރީގައި ހޭދަ ކުރެއްވުން. (11‏:1‏—15‏:47)
5. އީސާގެފާނު އަލުން ދިރިވަޑައިގެންނެވުން. (16‏:1‏-8)
6. އީސާގެފާނު މީސްތަކުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވުމާއި އުޑަށް އުފުއްލެވުން. (16‏:9‏-20)