މޭބިސްކަދުރު ދަނޑެއް ކުއްޔަށް ހިފި ބަޔަކާއިމެދު ވިދާޅުވި މާނަފުން ވާހަކަ
12
‏1 އެއަށް ފަހު އީސާގެފާނު މި މާނަފުން ވާހަކައިން އެބައިމީހުންނާއި މުޚާތަބު ކުރައްވަމުން ގެންދެވިއެވެ.
”އެއްދުވަސްވަރެއްގައި މީހަކު އޭނާގެ ދަނޑުގައި މޭބިސްކަދުރުގެ ވެޔޮތަކެއް ހެއްދުމަށް ފަހު އެ ދަނޑުގެ ވަށައިގެން ފާރު ރޭނި.
އަދި އެވެޔޮތަކުގެ ކައިރީ މޭބިސްކަދުރު ދިޔަފެލައި އަޅާނެ ބޮޑު ވަޅެއް ހެދި.
އަދި އެވެޔޮތައް ބެލެހެއްޓުމަށްޓަކައި ބުރުޒެއް ވެސް ބިނާކުރި.
އެއަށް ފަހު އެވެޔޮތައް ހެއްދިފައިވީ ދަނޑު،
ބަޔަކަށް ކުއްޔަށް ދިނުމަށް ފަހު ދަތުރުވަރިއެއްގައި ދަނޑުވެރިޔާ ފުރައިގެން ދިޔަ.
‏2 މޭބިސްކަދުރު މޫސުމް އައުމުން ކުއްޔަށް ދީފައިވާ މީހުންގެ ގާތަށް ވެރިމީހާ އޭނާގެ ނޯކަރު ފޮނުވި.
އެއީ މޭބިސްކަދުރު ވެޔޮތަކުން ވެރިމީހާއަށް ލިބެންޖެހޭ ބައި ހޯދުމަށް.
‏3 އެހެނަސް ދަނޑު ކުއްޔަށް ހިފައިގެން އުޅޭ މީހުން ނޯކަރުމީހާގެ ގައިގައި ތަޅާ ރޯނާގެންނެވުމަށް އެއްވެސް އެއްޗެއް ނުދީ ހުސްއަތާ އޭނާ ފޮނުވާލި.
‏4 ދެން ދަނޑުގެ ވެރިޔާ އޭނާގެ އެހެން ނޯކަރަކު އެމީހުންގެ ގާތަށް ފޮނުވި.
މި ނޯކަރުމީހާގެ ބޯފަޅާލައި ލަދުގަންނަވާލައި ފޮނުވާލި.
‏5 އެއަށް ފަހު ދަނޑުގެ ވެރިޔާ އެހެން ނޯކަރަކު ފޮނުވި.
އެމީހުން އެ ފޮނުވި ނޯކަރު މަރާލި.
އަދި މިބައިމީހުންގެ ގާތަށް އެތައްބަޔަކަށް ފޮނުވުނު.
ނަމަވެސް އެމީހުން އެއްބަޔަކަށް އަނިޔާކޮށް އަދި އަނެއްބަޔަކު މަރާލި.
‏6 އެހާތަނަށް އެބައިމީހުންގެ ކައިރިއަށް ނުފޮނުވި ހުރީ އެންމެ މީހެއް.
އެއީ އޭނާގެ ލޮބުވެތި ދަރިފުޅު.
އެންމެފަހުން ދަނޑުގެ ވެރިޔާ އޭނާގެ ދަރިފުޅު އެބައިމީހުންގެ ގާތަށް ފޮނުވީ މިހެން ހީކޮށް:
’ހަމަޔަޤީނުން ވެސް އަހަރެންގެ ދަރިފުޅަށް އެމީހުން އިޙުތިރާމާއި ޤަދަރު ކުރާނެ.‘
‏7 ނަމަވެސް މޭބިސްކަދުރު ވެޔޮ ކުއްޔަށް ހިފައިގެން އުޅޭ މީހުން އެކަކު އަނެކަކަށް ބުނަމުން ދިޔަ.
’މިއީ މިދަނޑުގެ ވާރުތަވެރިޔާ އޭ.
އޭނާ މަރާލަމާ ހިނގާށޭ،
އޭރުން އޭނާގެ މި ބިން އަހަރެމެންނަށް މިލްކު ކުރެވޭނޭ!‘
‏8 އެއާއެކު އެބައިމީހުން ދަނޑުގެ ވެރިޔާގެ ދަރިފުޅު ހައްޔަރުކޮށް މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު މޭބިސްކަދުރު ވެޔޮތައް ހައްދާފައިވީ ދަނޑުން ބޭރަށް އެއްލާލި.
‏9 މި ޙާލަތުގައި މޭބިސްކަދުރު ދަނޑުގެ ވެރިޔާ އަމަލުކުރާނީ ކިހިނެއް؟“
އީސާގެފާނު އެބައިމީހުންނާއި ސުވާލު ކުރެއްވިއެވެ.
”ޔަގީނުން ވެސް ދަނޑުގެ ވެރިމީހާ،
ކުއްޔަށްދީފައިވާ މީހުންގެ ގާތަށް ދާނެ.
އަދި އެ މީހުން މަރާލާނެ.
އެއަށް ފަހު އޭނާ އެ ދަނޑު އެހެންބަޔަކަށް ކުއްޔަށްދޭނެ.
‏10 ތިޔަބައިމީހުން މުޤައްދަސް ފަތްފުށްތަކުން މިއެއް ނުކިޔަމުތަ؟
’ރާނާ މީހުން ބަލައިނުގެން އެއްލާލި ގާ
އެންމެ މުހިންމު ބިންގާ ކަމުގައި ވެއްޖޭ.
‏11 މިއީ މާތްރަސްކަލާނގެ ކުރައްވާ ކަންކަމޭ،
އަދި މިހިރަ ކަންކަމަކީ އަހަރެމެން ޙައިރާން ކުރުވާނެ ކަންކަމޭ.‘“*
‏12 ދީނުގެ ދަންނަބޭކަލުންނާއި އިސްވެރިން އީސާގެފާނު ހައްޔަރުކުރަން ބޭނުންވިއެވެ.
ސަބަބަކީ މިމާނަފުން ވާހަކަފުޅު ވިދާޅުވުމުގައި އެކަލޭގެފާނު ނިސްބަތްކުރެއްވީ އެބައިމީހުންނަށް ކަން އެނގުމުންނެވެ.
ނަމަވެސް އެއްވެފައިވާ މީސްތަކުންގެ ސަބަބުން ބިރުން އެކަލޭގެފާނު ދޫކޮށް އެބައިމީހުން ދިޔައީއެވެ.
ޖިޒީ ދެއްކުމާއި ބެހޭގޮތުން ސުވާލު ކުރެއްވުން
‏13 އެއަށް ފަހު އެމީހުން އީސާގެފާނު ވިދާޅުވެލައްވާ ބަސްފުޅަކުން އެކަލޭގެފާނު މަޅީގައި ޖެއްސެވުމަށްޓަކައި އެކަލޭގެފާނުގެ އަރިހަށް ފަރީސީނުގެ ބަޔަކާއި ހެރޮދަށް ތާއީދުކުރާ ބަޔަކު ފޮނުވިއެވެ.
‏14 އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް އައިސް ސުވާލު ކުރިއެވެ.
”އެދުރުކަލޭގެފާނު.
މީސްތަކުން ވިސްނާނެ ގޮތަކާއިމެދު ބެއްލެވުމެއްނެތި ކަލޭގެފާނީ ޙައްޤު ތެދުބަސް ވިދާޅުވެލައްވާ ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ.
އަދި ކަލޭގެފާނު ވަކިފަރާތަކަށް ޖެހިގެންނުވޭ.
ނަމަވެސް ކަލޭގެފާނު މީސްތަކުންނަށް އުނގަންނަވައިދެއްވަމުން ގެންދަވަނީ މާތްރަސްކަލާނގެ މަގުގައިވާ ޙައްޤު ތެދުބަސް.
މިހެން ކަމުގައިވާނަމަ ރޯމު ސަރުކާރަށް ޓެކުސް ދެއްކުމަކީ އަޅުގަނޑުމެންގެ ދީނީ އުސޫލުތަކާ ޚިލާފު ކަމެއްތަ؟
އަޅުގަނޑުމެން އެފަދައިން ޓެކުސް ދައްކަން ޖެހޭނެތަ؟
ނޫނީ ނުޖެހޭނެތަ؟“
‏15 އީސާގެފާނަށް އެބައިމީހުންގެ މި މަކަރުވެރިކަން އެނގިވަޑައިގަންނަވާ ޖަވާބު ދެއްވިއެވެ.
”ކަލޭމެން އަހަރެން މަޅިއެއްގައި ޖެއްސުމަށް ތިޔަ މަސައްކަތް ކުރަނީ ކީއްވެ؟
އަހަރެންނަށް ރޯމަނުންގެ ފައިސާ ފޮއްޗެއް ދައްކަބަލަ.
އޭރުން އަހަރެން ކަލޭމެންނަށް ބުނެދޭނަން.“
‏16 އެބައިމީހުން އެކަލޭގެފާނަށް ފައިސާފޮއްޗެއް ގެނެސްދެއްވުމުން އެކަލޭގެފާނު ވިދާޅުވިއެވެ.
”މީގައިމިވަނީ ކާކުގެ ތަސްވީރަކާއި ލަގަބެއް ލިޔެވިފަ؟“
އެބައިމީހުން ޖަވާބުގައި ދެންނެވިއެވެ.
”ކައިސަރު ރަސްގެފާނުގެ.“
‏17 އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ.
”ކައިސަރު ރަސްގެފާނަށް މިލްކުވެގެންވާ ތަކެތި އެ ރަސްގެފާނަށް ދީ.
އަދި މާތްރަސްކަލާނގެއަށް މިލްކުވެގެންވީ ތަކެތި އެކަލާނގެއަށް ހުށަހަޅާ.“
އަދި އެބައިމީހުން އީސާގެފާނާއިމެދު އަޖައިބުވިއެވެ.
ޤިޔާމަތާއި ބެހޭގޮތުން ސުވާލު ކުރެއްވުން
‏18 އެއަށް ފަހު ސާދުސީނުގެ ބަޔަކު އީސާގެފާނުގެ އަރިހަށް ސުވާލަކައިގެން އައިސް ދެންނެވިއެވެ.
(ސާދުސީންނަކީ މަރުވުމަށް ފަހު މީސްތަކުން އަލުން ދިރުއްވައި ނިމުންނުވާ ޙަޔާތެއްގައި ލަހައްޓަވާނެ ކަން ގަބޫލުކުރާ ބައެއް ނޫނެވެ.)
‏19 ”އެދުރުކަލޭގެފާނު،
މޫސާގެފާނު އުނގަންނަވައިދެއްވި ގޮތުގައި ފިރިއަކު ނިޔާވި އިރު އޭނާގެ އަނތްބަކު އިންނަމަ އަދި އޭނާގެ ދަރިއަކު ނެތްނަމަ ނިޔާވި ފިރިހެނާގެ ބޭބެ ނުވަތަ ކޮއްކޮ އެ އަންހެންމީހާ އާއި ކައިވެނިކޮށް ދަރިއަކު ހޯދަންޖެހޭ.
އެ ލިބޭ ދަރިއަކީ މަރުވި ފިރިހެނާގެ ދަރިން ކަމުގައި ބެލެވޭނެ.*
‏20 އެއްދުވަސްވަރެއްގައި ހަތް ބެއިން އުޅުނު.
އެ ހަތް ބެއިންގެ ތެރެއިން އެންމެ ދޮށީ ފިރިހެނާ ކައިވެނިކުރި.
އަދި ދަރިއަކު ލިބުމުގެ ކުރިން އޭނާ ނިޔާވި.
‏21 ދެން ދެވަނައަށް ހުރި ކޮއްކޮ އެ ހުވަފަތް އަންހެނާ އާއި ކައިވެނި ކުރި.
އަދި ދަރިއަކު ލިބުމުގެ ކުރިން އޭނާ ވެސް ނިޔާވި.
ތިންވަނަ އަށް ހުރި ކޮއްކޮ އާއިމެދު ކަންތައްތައް ވެގެން ދިޔައީ އޭނާގެ ދެބޭބެއިންނަށް ކަންތައްތައް ވެގެން ދިޔަ ގޮތަށް.
‏22 އަދި ހަގަށް ތިބި ހުރިހާ ކޮއްކޮމެން ވެސް އެ ގޮތަށް އަމަލުކުރި.
އަދި ހަތް ބެއިން ވެސް މި އަންހެންމީހާ އާއި ކައިވެނި ކުރި.
އަދި މިއިން އެކަކަށް ވެސް މި އަންހެންމީހާގެ ފުށުން ދަރިއަކު ލިބިފައި ނުވޭމެ.
އަދި އެންމެފަހުން މި އަންހެންމީހާ ދަރިއަކު ނުލިބި ނިޔާވި.
‏23 ވީއިރު ޤިޔާމަތް ދުވަހުން މި އަންހެނާ ވާނީ ކާކުގެ އަނތްބަކަށްތޯ؟
އެ ހަތްބެއިން ވެސް ވަނީ މި އަންހެނާއާއި ކައިވެނިކޮށްފައި.“
‏24 އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ.
”ތިޔަބައިމީހުން ތިތިބީ އޮޅުމެއްގެ ތެރޭގައެއް ނޫންތަ!
އެހެނީ ތިޔަބައިމީހުންނަކަށް މުޤައްދަސް ފޮތުގައިވާ އެއްޗެއް ނުވެސް އެނގޭމެ.
އަދި ތިޔަބައިމީހުންނަކަށް މާތްކަލާނގެ ގަދަބާރުފުޅެއް ވެސް ނުމެ އެނގޭމެ.
‏25 އެހެނީ،
މާތްކަލާނގެ އަލުން މީހަކަށް ފުރާނަ ދެއްވުމުން އެމީހަކު ވާނީ އުޑުގެ މަލާއިކަތެއް ފަދައިން.
އެމީހުން ކައިވެނިކޮށެއް ނަހަދާނެ.
‏26 މިހާރު ތިޔަބައިމީހުންނަށް ބުނެދެންވީ މަރުވުމަށް ފަހު އަލުން ދިރުއްވުމާއިމެދު:
މޫސާގެފާނަށް ބާވައިލެއްވި ފޮތްކޮޅުގައިވާ ފަތްފުށްތަކުގެ ތެރެއިން ހުޅުހިފާފައިވި ގޮތުގައި ދެއްކެވި ނަމަވެސް އަނދައިގެން ނުދާ ގަހުގެ ވާހަކަތަކާއި މެދުގައިވާ ފަތްފުށްތައް ތިޔަބައިމީހުން ނުކިޔަމުތަ؟
މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވުމުން އެ ފަތްފުށްތަކުގައި ލިޔެވިގެން ވަނީ،
’ތިމަންކަލާނގެއީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނުގެ ވެސް ކަލާނގެއޭ.
އަދި ޔަޢުޤޫބުގެފާނުގެ ވެސް ކަލާނގެއޭ.‘*
‏27 އެކަލާނގެއީ މަރުވެދިޔަ ފަރާތްތަކުގެ ކަލާނގެއެއް ނޫން.
ދިރިތިބީންގެ ރަސްކަލާނގެ.
ތިޔަބައިމީހުން ވަނީ ބޮޑުވެގެންވާ އޮޅުމެއްގެ ތެރޭގަ!“
އެންމެ މަތިވެރި އަމުރުފުޅު
‏28 ފާއިތުވެދިޔަ ބަހުސްތަކުގެ ވާހަކަ އަޑުއެހުމަށް ދީނުގެ ދަންނަބޭކަލަކު އެތަނަށް އައެވެ.
އަދި އީސާގެފާނު ސާދުސީންނަށް ދެއްވި ޖަވާބުގެ ފުރިހަމަކަން އެނގިހުރެމެ އެކަލޭގެފާނާއި މި ސުވާލު ކުރެއްވިއެވެ.
”މާތްރަސްކަލާނގެ އަމުރުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު ވެގެން ވަނީ ކޮން އަމުރުފުޅެއް؟“
‏29 އީސާގެފާނު ވިދާޅުވިއެވެ.
”އެންމެ މުހިންމު އަމުރުފުޅަކީ:
’އޭ ބަނީއިސްރާއީލުންނޭ އަޑުއަހާ!
އަހަރެމެންގެ ކަލާނގެ ސާހިބުވަންތަ ރަސްކަލާނގެއީ ހަމައެކަނި އެއްކައުވަންތަ ރަސްކަލާނގެ.
‏30 ތިބާގެ ސާހިބުވަންތަ ރަސްކަލާނގެ ކިބަފުޅަށް ތިބާގެ މުޅި ހިތުންނާއި،
ތިބާގެ މުޅި ފުރާނައިންނާއި،
ތިބާގެ މުޅި ބުއްދީންނާއި އަދި ތިބާގެ ގައިހުރި ހުރިހާ ބާރަކުން ވެސް ލޯބިވާށޭ.‘*
‏31 ހަމަ މިއާއި އެއްފަދައިން ދެވަނައަށް އެންމެ މުހިންމު އަމުރުފުޅަކީ މިއީ:
’ތިބާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ތިބާގެ އަވަށްޓެރިޔާ ދެކެ ލޯބިވާށޭ.‘
* މިއަށް ވުރެން މަތިވެރި ވެގެންވާ އަމުރުފުޅުތަކެއް ނުވާނެ.“
‏32 ދީނުގެ މި ދަންނަބޭކަލާ އީސާގެފާނަށް ދެންނެވިއެވެ.
”އެދުރުކަލޭގެފާނު،
ވަރަށްފުރިހަމަ!
ތިޔަ ވިދާޅުވެދެއްވީ ވަރަށް ބޮޑު ތެދުފުޅެއް.
މާތްރަސްކަލާނގެ ފިޔަވައި އެއްކައުވަންތަ އެހެން އެއްވެސް ފަރާތެއް ނުވޭ.
އަދި މާތްރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް ކަލާނގެއެއް ނުވޭމެ.
‏33 އަދި މާތްރަސްކަލާނގެ ކިބަފުޅަށް އެމީހެއްގެ މުޅި ހިތުންނާއި އެމީހެއްގެ މުޅި ބުއްދީންނާއި އެމީހަކަށް ލިބިފައިވާ އެންމެހާ ބާރަކުން ލޯބިވާށެވެ.
އަދި އެމީހެއްގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން އެމީހެއްގެ އަވަށްޓެރިޔާ ދެކެ ވެސް ލޯބިވާން ވާނެ.
ޤުރުބާނީ އަށިމަތީގައި އަންދައި ނުވަތަ ހުށަހަޅާ އެހެނިހެން ޤުރުބާނީތަކަށް ވުރެން ވެސް މުހިންމު ވެގެން ވަނީ މިކަންތައްތައް.“
‏34 އެ މީހާގެ ބުއްދިވެރި ޖަވާބު އީސާގެފާނު ފާހަގަ ކުރައްވައި އެކަލޭގެފާނު އެ މީހާއަށް ވިދާޅުވިއެވެ.
”ތިބާ ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ދުރަކުނޫން.“
މިއަށް ފަހު އީސާގެފާނާއި އިތުރު ސުވާލެއް ކުރައްވާކަށް އެއްވެސް މީހަކަށް ނުކެރުނެވެ.
އަލްމަސީޙާއިމެދު ކުރެއްވި ސުވާލު
‏35 އެއަށް ފަހު އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް އުނގަންނަވައި ދެއްވަމުން ގެންދެވި ހިނދު މި ސުވާލު އެކަލޭގެފާނު ކުރެއްވިއެވެ.
”އަލްމަސީޙަކީ ދާއޫދުގެފާނުގެ ދަރިކޮޅުން ފޮނުއްވޭނެ ފަރާތެއް ކަމުގައި ދީނުގެ ދަންނަބޭކަލުން އެ ބުނަނީ ކީއްވެ؟
‏36 މާތްރަސްކަލާނގެ މާތްރޫޙުފުޅުން ދާއޫދުގެފާނަށް ނިދާ ފޮނުއްވެވި ހިނދު އެކަލޭގެފާނު ޒަބޫރުގައި މިފަދައިން ބަޔާން ކުރައްވާފައިވޭ:
’ސާހިބުވަންތަ ރަސްކަލާނގެ އަހަރެންގެ މާތްސާހިބާއަށް ވަޙީ ކުރެއްވިއޭ.
ތިމަންކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެ ވަޑައިގެން އިންނަވާށޭ.
ތިމަންކަލާނގެ ކަލޭގެފާނުގެ ޢަދާވާތްތެރިން
ކަލޭގެފާނުގެ ފައިންޕުޅުދަށަށް ގެނައުމަށް ދާންދެން.‘*
 
‏37 ދާއޫދުގެފާނު އެކަލޭގެފާނަށް މުޚާތަބު ކުރައްވަނީ ’މާތްސާހިބާ‘ ގެ ނަންފުޅުގަ.
އެހެންވީމާ،
އެކަލޭގެފާނު ދާއޫދުގެފާނުގެ ދަރިކަލަކަށް ވާނީ ކިހިނެއް؟“
ގިނަ ޢަދަދެއްގެ މީސްތަކުން އީސާގެފާނުގެ އުނގަންނަވައިދެއްވުން އުފަލާއެކު އަޑުއަހަމުން ގެންދިޔައެވެ.
ދީނުގެ ދަންނަބޭކަލުނާއި ދެކޮޅަށް ކުރެއްވި އިންޒާރު
‏38 އެކަލޭގެފާނުގެ އުނގަންނަވައި ދެއްވުމުގައި ވިދާޅުވިއެވެ.
”ދީނުގެ ދަންނަބޭކަލުންނާއިމެދު ފަރުވާތެރިވެ ސަމާލުވޭ.
އެބައިމީހުން ލޯބިކުރާނީ އަގުބޮޑު ދިގު ޖުއްބާގައި ބާޒާރު ސަރަހައްދުގައި ހިނގާއިރު މީސްތަކުންގެ ޤަދަރާއި އިޙުތިރާމު ލިބުމަށް.
‏39 އެބައިމީހުން ލޯބިކުރަނީ ދީނީ މަރުކަޒުތަކުގައްޔާއި ބޮޑެތި ވެގެންވާ ޙަފުލާތަކުގައި ޚާއްޞަ ގޮނޑިތައް ލިބުމަށް.
‏40 އެބައިމީހުން ހުވަފަތް އަންހެނުންނަށް މަކަރުހަދާ އެކަނބަލުންގެ ގޯތިތައް ފޭރިގަންނޭ.
އަދި ދެއްކުންތެރިކަމާއެކު ދިގުވެގެންވާ ދުޢާތައް ކުރޭ.
އެބައިމީހުންނަށް ހުރި ޢުޤޫބާތެއްގެ ބޮޑުކަމާއެ!“
ހުވަފަތް އަންހެނެއް ކުރި ހޭދަ
‏41 އީސާގެފާނު ބައިތުލް މަޤްދިސްގެ ތެރޭގައި ބެހެއްޓިފައިވާ އެތަނުގެ ބައިތުލްމާލު ފޮއްޓާއި ކައިރީގައި މީސްތަކުން އެ ޚަޒާނާ ފޮއްޓަށް ފައިސާ އަޅަމުން ގެންދާ ތަން ބައްލަވަން ހުންނެވިއެވެ.
މީސްތަކުން އެ ފޮއްޓަށް ފައިސާ އަޅަމުން ދިޔަ ހިނދު މުއްސަނދި ފައިސާވެރިން އެ ފޮއްޓަށް ގިނަ ޢަދަދެއްގެ ފައިސާ އެޅިއެވެ.
‏42 އެހެނަސް ހުވަފަތް ނިކަމެތި އަންހެނަކު އައިސް އެ ކަނބުލޭގެ އަތުގައި ވީ ރަތުލޮއިގެ ދެ ކުޑަ ލާރި އެ ފޮއްޓަށް ލިއެވެ.
މި ދެ ފައިސާ ފޮތީގެ އަގު ވާނީ ލާރިއެއް ހާ ވަރެވެ.
‏43 އެ ހިނދު އަސްޙާބީންނަށް އެކަލޭގެފާނުގެ އަރިހަށް އައުމަށް އެދިވަޑައިގަތެވެ.
އަދި އެބޭކަލުން އެކަލޭގެފާނުގެ އަރިހަށް އައުމުން ވިދާޅުވިއެވެ.
”އަހަރެން ތިޔަބައިމީހުންނަށް ބުނަން.
އެ ނިކަމެތި ކަނބުލޭގެ މާތްރަސްކަލާނގެ ކިބަފުޅަށް ހޭދަކުރާ ފައިސާ އަޅާ ފޮއްޓަށްލީ ފައިސާ އެހުރިހާ މުއްސަނދިން އެޅި ފައިސާޔަށް ވުރެން މާ ގިނަ.
‏44 އެއީ އެބައިމީހުން ހުށަހެޅި ފައިސާ އަކީ އެބައިމީހުންގެ މުއްސަނދިކަމުގެ ސަބަބުން ބޭނުން ނުކުރެވި އިތުރުވެފައިވާ ފައިސާ.
އެހެނަސް އެ ހުވަފަތް ކަނބުލޭގެ ހުށަހެޅި ފައިސާ އަކީ އެކަނބުލޭގެ ހައިހޫނުކަމުގައި ހުރެ ދިން އަތުގައި އޮތް ހަމައެކަނި ދެ ފައިސާ ފޮތި.
އަދި އެއީ އެކަނބުލޭގެ އަތުގައިވީ ހުރިހާ ފައިސާއެއް ވެސްމެ.“