ޙިކުމަތްތެރިކަމުގެ ބޭނުން ހިފާ
29
‏1 ވިސްނައިދިނުމުން އެކަން އިސްލާހު ނުކުރާ މީހާ އަލުން އަނބުރާ ނާދެވޭވަރަށް ކުއްލިއަކަށް ހަލާކުވެ ހިނގައިދާނެއެވެ.
‏2 މާތްރަސްކަލާނގެއަށް ތަބާވާ މީހުން ބާރުވެރިވުމުން މީހުން އުފާ ފާޅުކުރެއެވެ.
ނުލަފާ މީހުން ވެރިކަމަށް އައުމުން މީހުން ހިތާމަ ކުރެއެވެ.
‏3 ވިސްނުންތެރިކަމަށް ލޯބިކުރާ މީހާގެ ބަފާ ހިތްއުފާވެއެވެ.
ކަސްބީންގެ ގާތަށް ގޮސް އުޅޭ މީހާގެ މުދާ ބޭކާރުވެދެއެވެ.
‏4 އިންސާފުވެރި ރަސްގެފާނު ޤައުމަށް ހަމަޖެހުން ގެނެއެވެ.
ރިޝްވަތު ނަގާ ރަސްގެފާނު ޤައުމު ހަލާކު ކޮށްލައެވެ.
‏5 ރައްޓެހިންނަށް ޚުޝާމަދު ކުރާ މީހާ އެމީހުންގެ ފައިގައި ދަންތުރައެއް ތިއްބައެވެ.
‏6 ނުބައި މީހުން ފާފައިގެ ދަންތުރައިގައި ޖެހެއެވެ.
ޞާލިޙު މީހާ އެކަމުން ސަލާމަތްވެ އުފާ ފާޅުކުރެއެވެ.
‏7 ޞާލިޙު މީހާ ފަޤީރުންގެ ޙައްޤުތައް ރައްކާތެރި ކުރެއެވެ.
ނުލަފާ މީހާ އެމީހުންނާ އަޅައެއް ނުލައެވެ.
‏8 ޖެއްސުން ކުރާ މީހުން މުޅި އަވަށް ހަލަބޮލި ކުރެއެވެ.
ބުއްދިވެރިން ރުޅި މައިތިރި ކުރެއެވެ.
‏9 ބުއްދިވެރިޔަކު އިންސާފުގެ ކުރިމައްޗަށް މޮޔައަކު ގެންގޮސްފިނަމަ އެމީހާ އެކަމާ މަލާމާތް ކުރެއެވެ.
އެކަމުން ލިބޭ ފައިދާއެއް ނެތެވެ.
‏10 ލެޔަށް ފެންބޮވާފައި ހުންނަ މީހާ އަބުރުވެރިން ދެކެ ނަފްރަތު ކުރެއެވެ.
އެކަމަކު ހެޔޮ މީހުން ތެދުވެރިންނަށް އެހީތެރިކަން ފޯރުވައެވެ.
‏11 މޮޔައިން އަވަހަށް ރުޅި ބާލައެވެ.
ބުއްދިވެރިޔާ ރުޅިމަތަ ކުރެއެވެ.
‏12 ވެރިޔަކު ދޮގުވެރިން ބުނާބަސް އަޑުއަހާނަމަ އޭނާގެ މުޝީރުން ވާނީ ނުބައި މީހުންނަށެވެ.
‏13 ފަޤީރު މީހާއާއި އަނިޔާވެރިޔާއާ ދެމެދުގައިވާ އެއްގޮތް ކަމެއް އޮވެއެވެ.
ދެމީހުންނަށް ވެސް ލޮލުގެ ފެނުން ދެއްވީ މާތްރަސްކަލާނގެއެވެ.
‏14 ފަޤީރުންނަށް ހަމަހަމަކޮށް ހިތާ ރަސްކަލެއްނަމަ އޭނާގެ ތަޚުތު ދާއިމަށް ދެމިގެންދާނެއެވެ.
‏15 ދަރިން ތަރުބިއްޔަތު ކުރުމުން އެމީހުންގެ ޙިކުމަތްތެރިކަން އިތުރުވެއެވެ.
ތަރުބިއްޔަތެއް ނެތް ދަރިން އަމަޔަށް ލަދުވެތިކަން ގެނެއެވެ.
‏16 ނުބައިމީހުން ވެރިކަމުގައި ތިބޭއިރު ތަނުގައި ޖަރީމާތަކާއި ކުށްކުރުން އިތުރުވެދެއެވެ.
އެކަމަކު އެމީހުން ވެރިކަމުން ވެއްޓޭތަން ޞާލިޙުންނަށް ދައްކަވައެވެ.
‏17 ދަރިން ތަރުބިއްޔަތު ކުރާށެވެ.
އޭރުން ކަލޭމެންގެ ހިތަށް އުފާވެރިކަން ލިބި ދިރިއުޅުން ހިތްފަސޭހަ ވާނެއެވެ.
‏18 މަތިވެރިފަރާތުގެ އިރުޝާދުތައް ގަބޫލު ނުކުރާ މީހުން އުޅޭނީ ޖަނަވާރުން ފަދައިންނެވެ.
އެބަސްތަކަށް ތަބާވާ މީހުން ތިބޭނީ އުފާވެރިކަން މަތީގައެވެ.
‏19 ބަސްތަކުން އެކަނި ޚާދިމުން ތަރުބިއްޔަތެއް ނުކުރެވޭނެއެވެ.
އެބަސް އެމީހުން އަޑުއަހާފާނެއެވެ.
އެކަމަކު އެޔަކަށް އަމަލެއް ނުކުރާނެއެވެ.
‏20 ވިސްނާނުލާ ބަސްބުނާ މީހާއަށް ވުރެން މޮޔައަކަށް ވެސް މާ އުންމީދު ބޮޑެވެ.
‏21 ޚާދިމަކަށް ކުޑައިރުން ފެށިގެން ބޭނުންހާ އެއްޗެއް ދީ ބޭނުން ކަމެއް ކޮށްދީގެން އުޅޭނަމަ ބޮޑުވެގެން އޭނާ ޣައްދާރު ވެދާނެއެވެ.
‏22 ރުޅިއައިސްފައި ހުންނަ މީހާ ތަޅާފޮޅުމެއް ފަށައިގަނެއެވެ.
ރުޅި އަވަސް މީހާ ހުރިހާ ބާވަތެއްގެ ފާފައަކަށް އަރައިގަނެއެވެ.
‏23 ބޮޑާކަމުން ގެނެސްދޭނީ ފަޟީހަތެވެ.
ހިތްތިރި ކަމުން ގެނެސްދޭނީ ޝަރަފެވެ.
‏24 ވަގަކަށް އެހީތެރިވުމުން ގެއްލުން ލިބެނީ ތިމާއަށެވެ.
އެހެނީ ތެދުބަސް ބުނަން ހުވާކޮށްގެން ހުއްޓަސް ތެދުބަސް ބުނާކަށް އޭރަކުން ނުކެރޭނެއެވެ.
‏25 މީހުން ދެކެ ބިރުގަތުމަކީ ނުރައްކާތެރި ދަންތުރައެކެވެ.
މާތްރަސްކަލާނގެ ކިބަފުޅަށް ވަކީލު ކުރުމުން އަމާން ކަން ލިބެއެވެ.
‏26 ވެރިމީހާގެ ރުހުން ހޯދުމަށް މީހުން އުޅެއެވެ.
އެކަމަކު އިންސާފު ލިބެނީ މާތްރަސްކަލާނގެ ކިބަފުޅުންނެވެ.
‏27 ހެޔޮ މީހުން ބޭއިންސާފުވެރި މީހުން ދެކެ ނަފްރަތުކުރެވެ.
ނުބައި މީހުން ޞާލިޙުން ދެކެ ނަފްރަތު ކުރެއެވެ.